ޅ. އަތޮޅުގައި އޮންނަ ޕާމް ބީޗް އައިލެންޑް ރިސޯޓު 16.2 މިލިއަން ރުފިޔާއަށް ވިއްކާލައިފި އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ޕާމް ބީޗް އައިލެންޑް ރިސޯޓް ވިއްކާލާފައި ވަނީ މި ރިސޯޓުގެ އޯނަރު ހިމެނޭހެން ތިން ފަރާތަކުން ދަރަންޏަށް އެސްބީއައިއިން ނަގާފައިވާ ލޯނެއް އަދާނުކުރުމުން، ލޯނަށްވާ ފައިސާ ހޯދުމުގެ ގޮތުންނެވެ.

އެ ރިސޯޓު ހަދަން ލޯނު ދޫކުރީ ގާޑިއަން އެޖެންސީ އަށާއި މ. ވެލިދޫގެ، މުހައްމަދު ނައީމް (މޮނާޒާ ނައީމް) އަދި ކުރީގެ އަނބިކަނބަލުން މ. މާލިމީގެ، ހަދީޖާ ހަސަން އަދި އެ ރަށުގެ ވެރިފަރާތް ކަމަށްވާ މ. ނޫރީ، އިބްރާހިމް އަލިމަނިކެވެ.

އެގޮތުން އެބޭންކުން ޕާމު ބީޗު ރިސޯޓު ވިއްކާލާފައިވަނީ 16.260،275.00 ޑޮލަރަށެވެ. ރިސޯޓު ވިއްކާލައިގެން ލިބުނު ފައިސާއިން ދައުލަތަށް ދައްކަން ޖެހޭ 7.530،040.02 ޑޮލަރު މި އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ބޭންކުން ވަނީ ދައްކާފަ އެވެ.

ޕާމް ބީޗް ރިސޯޓް ގަތް ފަރާތްތުގެ ނަމަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ބަދަލުކުރެވިފަ އެވެ.

އެ ރިސޯޓު ގަނެފައި ވަނީ މާލެ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ ހިއްސާ އޮންނަ ކުންފުންޏަކުންނެވެ.

އެ ލޯނަށްވާ ފައިސާ ލިބިފައިވާ ކަމަށް ކޯޓަށް އަންގާފައިވާތީ، ފައިސާ ދެއްކުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ދައުވާ ރައްދުވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް ކޯޓުންވަނީ ހުކުމްކޮށްފަ އެވެ.