ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވި ނަމަވެސް ދައުލަތުގެ ދަރަނި ބޮޑުވެފައިވާތީ ކްރެޑިޓް ރޭޓިން ބީ 3 އިން ސީއޭއޭ 1 އަށް ދަށްކޮށްފި އެވެ.

މޫޑީސް އިންވެސްޓާސް ސާވިސަސް އިން ބުނީ މިއަހަރު ކްރެޑިޓް ރޭޓިން ދަށް ކުރީ ޓޫރިޒަމް ރަނގަޅުވި ނަމަވެސް ރޭޓިން މި އަހަރު ދަށްކުރަން ޖެހުނީ ހީކުރި ވަރަށް ވުރެ ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ 3 އަށް ވަނީ ދަށްކޮށްފަ އެވެ. މިދިޔަ އަހަރު ކްރެޑިޓް ރޭޓިން ދަށްކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުންނެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު ދައުލަތަށް ލިބޭ އާމްދަނީ އަށްވުރެ އެއް ދުވަހުން އަނެއް ދުވަހަށް ހަރަދު ބޮޑުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިހާރު ރަނގަޅު ނަމަވެސް ދަރަނި ކުޑަވާން ވަގުތު ނަގާނެ ކަމަށް ވެސް އެ އެޖެންސީން ލަފާ ކުރެ އެވެ.

މޫޑީސް އިން ލަފާ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) މި އަހަރު 19 ޕަސެންޓް އަދި އަންނަ އަހަރު 14 ޕަސެންޓް އިތުރުވާނެ އެވެ. ނަމަވެސް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 107 ޕަސެންޓަށް ވެއްޓޭނީ 2024 ގައި ކަމަށް އެ އެޖެންސީން ވަނީ ލަފާކޮށްފަ އެވެ. މިހާރު ރާއްޖޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 117 ޕަސެންޓުގަ އެވެ.

މޫޑީސް އިން ބުނީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ހާލަތު ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ގޯސްވެ، ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ އެއްކޮށް ނުދެއްކި، އެކްސްޗޭންޖް ރޭޓް މަތިވެދާނެ ކަމަށެވެ.

ރާއްޖޭގެ ރޭޓިން މޫޑީސް އިން ސީއޭއޭ1 އަށް ދަށްކޮށްފައިވާއިރު، ރޭޓިންގެ އައުޓްލުކް މިހާރު ވަނީ ނެގެޓިވް އިން "ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ.