ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވިފަހުން، މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 26،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15ން ފެށިގެން މިދިޔަ ބުދަ ދުވަހު ރާއްޖެ އައީ 26،720 ޓޫރިސްޓުންނެވެ. އެއާއެކު ޖެނުއަރީ 1ން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ ޖުމްލަ 409،567 ޓޫރިސްޓުންނެވެ.

ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 4,817 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫއޭއީންނެވެ. އެ ގައުމުން 3,218 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އެމެރިކާއިންނެވެ. އެއީ 2,431 ޓޫރިސްޓުންނެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އުފުލާފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 4,566 ޓޫރިސްޓުން އުފުލާފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އުފުލީ އެމިރޭޓްސް އިންނެވެ. އެ އެއާލައިނުން 4,058 މީހުން އުފުލާފައިވެ އެވެ. ތިންވަނައަށް އެންމެ ގިނަ މީހުން އުފުލާފައި ވަނީ ރަޝިއާގެ އެއިރޯފްލޮޓުންނެވެ. އެ އެއާލައިނުން 1,820 މީހުން އުފުލާފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޯލްޑިވިއަން ހިމެނޭ ގޮތުން ދިހަ އެއާލައިނަކުން މިދިޔަ މަހު 13,406 މީހުން އުފުލާފައިވެ އެވެ.