ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިރާގުން މިއަހަރު ވެސް ދިވެހި ރެޑްކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުންދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް ނިންމައިފި އެވެ.

ދިރާގުން ބުނީ މިކަމަކީ ދިވެހި ރެޑް ކްރެސެންޓާއި ދިރާގާއި އޮންނަ ގުޅުން ވަރުގަދަވެ، ކުރިއަށް އޮތް ތަނުގައި ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.

ދިރާގަކީ ދިވެހި ރެޑް ކްރެސެންޓުގެ ފުރަތަމަ ކޯޕަރޭޓް މެމްބަރެވެ.

ދިވެހި ރެޑް ކްރެސެންޓަށް 12 އަހަރު ފުރުން ފާހަގަކޮށް މިއެއްބަސްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ދިރާގުގެ މައި އޮފީހުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށް ހުޅުވާލެވިފައިވާ ކޯޕަރޭޓް މެމްބަޝިޕް ފުރުސަތުގައި ދިރާގުން ބައިވެރިވެ، މިކަމުގައި ކުރިއަށް ދިއުމަށް ނިންމެވުމަކީ ދިވެހި ރެޑްކްރެސެންޓަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިރާގުގެ މި އިސްނެގުމާއެކު އައު ކުރެވުނު މެމްބަޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނިގޮތުގައި މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ. އަދި މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކުރުވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީ ކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ދިވެހި ރެޑްކްރެސެންޓުގެ ކޯޕަރޭޓް މެމްބަރޝިޕް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އެކި ކާރިސާތަކުގެ ވަގުތުގަ އާއި އާއްމު ހާލަތްތަކުގައި ދިވެހި ރައްޔިތުންނަށް ވަރުބަލިކަމެއް ނެތި އޯގާތެރިކަމާއެކު ވަމުންދާ އެހީ ފާހަގަކޮށް މި ފުރުސަތުގައި އަގުވަޒަންކުރާކަން،" ދިރާގުގެ ޑިރެކްޓަރު ކޯޕަރޭޓް ސާވިސް އާތިފާ އަލީ ވިދާޅުވި އެވެ.

މިދިޔަ އަހަރާއި މި އަހަރު ވެގެން ދިޔައީ ކޮވިޑް 19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ކުރިއަށް ގެންދިޔަ ވަރަށް ގިނަ މަސައްކަތްތަކުގައި ދިރާގުގެ އެހީތެރިކަން ލިބުނު އަހަރުތަކަކަށެވެ. މިގޮތުން ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ދިރާގުން ވަނީ ގާއިމުކޮށްފަ އެވެ. އަދި ކޮވިޑްގެ ކަންކަމާ ގުޅޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތަކަށް ވެސް ވަނީ އެހީތެރިވެދީފައިވެ އެވެ.

ދިރާގުން ފޯރުކޮށްދޭ މިފަދަ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގަ އާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވެގެންދާނެ އެވެ.