އިންޑިއާގެ އިންޑިގޯ އެއާލައިނުން މުމްބާއީ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް އަލުން ފަށައިފި އެވެ.

އެ އެއާލައިނުން މުމްބާއީއާއި ރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ. އެ އެއާލައިނުން ދަތުރުކުރާނީ ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި އަދި އާދީއްތަ ދުވަހު އެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިގޯ އެއާލައިނުން ރާއްޖެއަށް ބާއްވަމުން އައި ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ދަތުރުތައް ފަށާފައި ވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ. އޭގެ ފަހުން އިންޑިގޯއިން އަންނަނީ އިންޑިއާގެ ކޮޗިން އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ދަތުރުކުރަމުންނެވެ.

އިންޑިގޯއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ ނޮވެމްބަރު 15، 2018 ގަ އެވެ. އަދި އޭގެ ފަހުން އިންޑިގޯއިން ކޮންމެ ހަފްތާއަކު އިންޑިއާގެ މުމްބާއީ، ކޮޗިން އަދި ބެންގަލޫރުއާއި ރާއްޖެއާއި ދެމެދު ފަސް ފްލައިޓް އައީ އޮޕަރޭޓްކުރަމުންނެވެ. ނަމަވެސް ކޯވިޑާ ގުޅިގެން އިންޑިއާގެ އަދި ރާއްޖޭގެ ވެސް ބޯޑަރު ބަންދުކުރުމާއެކު އިންޑިގޯގެ ދަތުރުތައް ވެސް ހުއްޓާލި އެވެ.

އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އެއް ބަޖެޓް އެއާލައިނެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 މަންޒިލްގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް މަންޒިލެވެ.