ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ބީއެމްއެލްގެ ބްރާންޗްތަކުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ހަރަކާތްތަކެއް ހިންގައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ހަރަކާތްތައް ކުރިޔަށް ގެންދިޔައީ ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ. ތ. ގުރައިދޫ، ގދ. ތިނަދޫ އަދި އައްޑޫގަ އެވެ.

ބީއެމްއެލްގެ މުވައްޒަފުން ނ. މަނަދޫގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ހަރުކުރުން.. ފޮޓޯ: ބީއެމްއެލް

މިގޮތުން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކަކީ:

  • ށ. ފުނަދޫ ގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ހަޓް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން މިތަން ސާފުކޮށް ކުލަލުމުގެ އިތުރުން ކުޑަދޮރުތަކުގައި ބްލައިންޑްސް ވަނީ ހަރުކޮށްފަ އެވެ.
  • ނ. މަނަދޫގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ވަނީ ހަރުކޮށްފަ އެވެ.
  • ފ. ނަލަންދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ނިލަންދޫ ބީޗް ސަރަހައްދު ތަރައްގީކޮށްފަ އެވެ. މިގޮތުން، މި ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓްބިން ބަހައްޓައި، މޫދަށްދާ ފަރާތްތަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ބާބަކިއު ސްޓޭންޑް ބަހައްޓައި، މި ސަރަހައްދުވަނީ އިތުރަށް ޒީނަތްތެރިކޮށްފަ އެވެ.
  • ތ. ގުރައިދޫ ބްރާންޗް މުވައްޒަފުންވަނީ އެރަށުގެ ޔޫތް ސެންޓަރުގެ އެތެރެ އާއި ބޭރު ފާރުގައި ކުލަލައި މި ސެންޓަރުގެ ހުރިހާ ލައިޓްތައް ބަދަލުކޮށްފަ އެވެ.
  • ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގެ މިއުޒިއަމް ޕާކްގައި ކުލަލައި އެތަން ޒީނަތްތެރިކޮށްފަ އެވެ.
  • އައްޑު އަތޮޅު ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި، ގަން ބްރާންޗުގެ މުވައްޒަފުންގެ އިތުރުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުން ގުޅިގެން ވަނީ "ހަންކެޑަ" ޕިކްނިކް ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ. މި ގޮތުން ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި މި ސަރަހައްދު ފާހަގަ ކުރުމަށް ނަން ބޯޑު ބަހައްޓާފައިވެ އެވެ.
ބީއެމްއެލްގެ މުވައްޒަފުން ތ. ގުރައިދޫގެ ޔޫތް ސެންޓަރުގެ އެތެރެ އާއި ބޭރު ފާރުގައި ކުލަލުން ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގުނު ހަރަކާތްތަކެކެވެ. މިއަހަރުގެ މާޗު މަހު ވެސް ބޭންކުގެ މުވައްޒަފުން ވަނީ މިފަދަ ހަރަކާތްތަކެއް ހިންގާފަ އެވެ.