އިންޑިއާގެ ރިޒާވް ބޭންކުން ރާއްޖޭގެ މަރުކަޒީ ބޭންކާއެކު ހަދާފައިވާ ކަރަންސީ ސްވޮޕްގެ ފައިސާ އަނބުރާ ދެއްކުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ހާޝިމް ވިދާޅުވީ އިންޑިޔާއިން ރާއްޖެއަށް ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕުގެ ފައިސާ އަނބުރާ ދެއްކުމަށް ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް އޭގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށާއި، ބާކީހުރި 250 މިލިއަން ޑޮލަރު ވަރަށް އަވަހަށް ދެއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ރާއްޖެއާ އިންޑިޔާގެ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕެއް ހެދުމަށް އެއްބަސްވެފައި ވަނީ 2019 ވަނަ އަހަރު އެވެ. މި ފައިސާއަކީ ރާއްޖެއަށް އިންޑިޔާއިން ދޭން ވައުދުވެފައިވާ 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ބައެކެވެ.

ކަރަންސީ ސުވޮޕަކީ ބޭރު ފައިސާ ލިބުމަށް ދަތިވާ ހާލަތުގައި އެއް ގައުމުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ދެ ގައުމެއްގެ މެދުގައި ފައިސާ ބަދަލުކުރުމުގެ މުއާމަލާތެކެވެ. އެއީ ލޯނެއްގެ ގޮތުގައި އިންޓަރެސްޓާއެކު ހިންގާ މުއާމަލާތެކެވެ.