މާލެ އާއި ތިލަފުށި ގުޅުވާލަން އަޅަން ހަމަޖެހިފައިވާ ތިލަ-މާލެ ބްރިޖުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށް ހަމަޖެހިއްޖެ އެވެ.

މި ބްރިޖް މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރަން މީގެ ކުރިން އެތައް ތާރީހެއް ދީފައިވެ އެވެ.

އިންޑިއާ ހިލޭ އެހީ އަދި ކްރިކެޓް އޮފް ލައިންގެ ދަށުން ހަދާ ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޗެކްޓް (ޖީއެމްޕީސީ) އެގްރީމެންޓްގައި ދިވެހި ސަރުކާރާއި އެފަކޮންސް ކޮމްޕެނީއާއި ދެމެދު މާދަމާ ސޮއިކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 11:00 ގަ އެވެ.

ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލެވިގެންދާއިރު، 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެ އެވެ.

މި މަޝްރޫއުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަގުވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ މައި އިންޖީނަށް ކަމަށް ސަރުކާރުން ދެކެ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗަރާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ. އެ ކުންފުންޏަކީ އައްޑޫގެ މަގުތައް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު އަންނަން ވާއިރަށް ބްރިޖް އެއްކޮށް ނިންމާ ނުލެވޭނެ ކަމަށާއި، އެހެން ނަމަވެސް ބްރިޖް ނިމެމުންދާ ވަރަކުން ހުޅުވަމުން ދާނެ ކަމަށެވެ.