ޓޫރިސްޓުން ރާއްޖެ އެތެރެވުމުގެ ކުރިން، ކޮވިޑް-19 އަށް ނެގެޓިވްކަން އަންގައިދޭ ޓެސްޓްގެ ނަތީޖާ ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންނާއި ކުރު މުއްދަތުގެ ވިސާގައި ރާއްޖެ އަންނަ އެހެނިހެން ފަރާތްތަކުން، ކޮވިޑް-19 އަށް ނެގެޓިވްކަން އަންގައިދޭ ޕީސީއާރު ޓެސްޓްގެ ނަތީޖާ އެއާޕޯޓުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެގޮތަށް އަމަލުކުރަނީ، ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. މިދިޔަ ޖުލައި މަހުގެ 15 ގައި ރާއްްޖޭގެ ބޯޑަރު ހުޅުވިފަހުން މަދުމަދުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އިތުރު ރިސޯޓްތައް ވެސް ދަނީ ހުޅުވަމުންނެވެ. އޭގެ ފަހުން، މިހާތަނަށް 16 ރިސޯޓަކުން 16 ޓޫރިސްޓުންނާއި 29 މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، އަދި ހުޅުވަން ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ އިތުރުން، ސަފާރީތަކެވެ.

ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، ފަސް އެއާލައިނަކުން ވަނީ މިހާތަނަށް ރާއްޖެ އަށް ދަތުރުތައް ފަށާފަ އެވެ. އެއީ، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ސްރީ ލަންކަން އެއާލައިންސް އަދި ޓާކިޝް އެއާލައިންސް އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، ކޮންމެ ގައުމެއްގެ ފަތުރުވެރިއަކަށް ވެސް ކުރިއެކޭ އެއްގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ. އަދި ބައްޔަށް ޝައްކު ނުވާ ނަމަ ކޮވިޑް-19 އަށް ޓެސްޓެއް ވެސް ނުކުރާނެ އެވެ. އެހެން ނަމަވެސް، ބައެއް ރެންޑަމް ސާމްޕަލް ނަގާނެ އެވެ. --އެމްބީއެސް