ބިޒްނަސް ވިސާ އެޕްލިކޭޝަން ފޯމު އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާގޮތަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގައި ވަޒީފާ އަދާ ކުރަން ނޫން އެހެން ގޮތަކަށް ވިޔަފާރިއެއް ކުރުމަށް ރާއްޖެ އަންނަ ބިދޭސީން ބިޒްނަސް ވިސާއަށް އިމިގްރޭޝަން ކައުންޓަރުގައި އެދެވޭ އުސޫލު ބަދަލުކޮށް ބިޒްނަސް ވިސާ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ވަނީ ގެޒެޓް ކޮށްފަ އެވެ

އެ ގަވާއިދުގައި ބުނާގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ނޫން އެހެން ގޮތަކަށް ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރަން އަންނަ ބިދޭސީންގެ ބިޒްނަސް ވިސާ އެޕްލިކޭޝަން ދެން ބަލައިގަންނާނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ. އަދި ކުރިއެކޭ އެއްގޮތަށް މިހާރު ވެސް، ރާއްޖޭގައި ވިޔަފާރިކުރަން ޝަރުތު ހަމަނުވާ މީހުންނަށް ބިޒްނަސް ވިސާ ނުދިނުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް އޮވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ގަވާއިދުގައި ބުނެފައިވާގޮތުގައި ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުން ދެން ވިސާގެ ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ބިޒްނަސް އިންނެވެ. އަދި ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން އިތުރު ޝަރުތަކާ ނުލައި އިމިގްރޭޝަނުން ވިސާ ދޭން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޕްލިކޭޝަން ހުޅަހަޅާ ފަރާތެއްގެ ޝަރުތު ހަމަވާނަމަ، އެޕްލިކޭޝަން ބަލައިގަންނަތާ 10 ދުވަހުގެ ތެރޭގައި ބިޒްނަސް ވިސާއެއް ހޯދުމުގެ ހުއްދަ ދޭވާނެ ކަމަށްވެސް އެގަވައިދުގައި ވަނީ ބުނެފަ އެވެ. އަދި 750 ރުފިޔާގެ ފީއަކަށް، އެމީހަކަށް ވިސާ ދޫކުރާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެވެ.

ބިޒްނަސް ވިސާ ދޫކުރުމުގެ ގަވާއިދަށް ބަދަލު ގެނެސްފައިވާއިރު ރާއްޖޭގައި ފޭކް ވިސާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލަ އެވެ. އަދި ވަގު ލިޔެކިޔުންތަކާއެކު ރާއްޖެ އެތެރެވާ ބިދޭސީންގެ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ.