އަންނަ ފިނި މޫސުމާ ދިމާކޮށް، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފި އެވެ.

ބްރިޓިޝް އެއާވޭސް ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދަތުރުކުރަނީ ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައި ވަނީ ލަންޑަން ހީތުރޯ އެއާޕޯޓުން ހަފުތާއަކު ތިން ދުވަހު އެވެ. އެ އެއާލައިން ރާއްޖެ އަންނާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. އެނބުރި ލަންޑަނަށް ފުރާނީ އާދީއްތަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ބައެއް މަންޒިލްތަކަށްވެސް އެ އެއާލައިނުން ކުރަމުން ދިޔަ ދަތުރުތައް މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ.

މިއަދު ހެނދުނު ރާއްޖެއައި ބްރިޓިޝް އެއާވޭސްގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށްފަހު މީހުން ފައިބަނީ. ފޮޓޯ: އެމްއޭސީއެލް

މިދިޔަ މަހުގެ 27 ވަނަ ދުވަހު ސުވިޓްޒަލެންޑްގެ އިޑެލްވެއިސް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު، ރަޝިއާގެ އޭރޯފްލޮޓާއި، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ސްރީލަންކަން އެއާލައިން، ޓާކިޝް އެއާލައިން، އެއާ އިންޑިއާ އަދި އިންޑިގޯއިން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.