ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކާއެކު ފައިނޭންސިން ފޯރޮކޮށްދިނުމަށް ތައާރަފްކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ފައިނޭންސިން އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލްއިން ބުނީ މިއަދު ގެނެވުނު ބަދަލާއެކު، ކަސްޓަމަރުންނަށް މިހާރު އިތުރު ފަރާތަކާއެކު ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ. ލޯނަށް ހުށަހަޅާ ފަރާތްތަކީ އާމްދަނީ ލިބޭ ފަރާތަކަށް ވާންޖެހޭނެކަން ފާހަގަ ކުރައްވަމުން ބީއެމްއެލްއިން ބުނީ އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، ވިޔަފާރިން ލިބޭ އާމްދަނީ ގެ އިތުރުން އެހެނިހެން އާމްދަނީ ލޯނަށް ހުށަހަޅާއިރު ބަލައިގަނެވޭނެ އެވެ.

ލޯނުގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ލޯނު ނަގާ ފަރާތް ނުވަތަ ފްލެޓްގެ ވެރިފަރާތާއި އާއިލީ ގޮތުން ގުޅުން ހުރި ފަރާތެއް ކަމަށް ވާންވާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި ގޮތުން އާއިލާގެ މަންމަ، ބައްޕަ، ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތައް، އެއްބަނޑު/އެއްބަފާ މީހުން، ދަރިން، މާމަ، ކާފަ އަދި މާމަ/ކާފަ ދަރިން ހިމެނިދާނެ އެވެ.

ބީއެމްއެލްއިން ބުނީ ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިން އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށެވެ. ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ 12 ޕަސެންޓްގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

މި ބަދަލާއެކު، ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފްކުރި ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސް ލޯނަށް ވެސް ވަނީ މި ބަދަލުތައް ގެނެވިފަ އެވެ.

މި ލޯނުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެ އެވެ. މިލޯނު ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއް ކަމަށްވާ 12 ޕަސެންޓްގަ އެވެ.

މި ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން ޕްލަސް އަށް ވެސް ވަނީ ގެނެސްފަ އެވެ.