ވަޒީފާއާބެހޭ ގާނޫނުން "މިނިމަމް ވޭޖް" ކަނޑައަޅަން ނިންމާފައިވީ ނަމަވެސް މިހާތަނަށް މިނިމަމް ވޭޖް ކަނޑައަޅާފައި ނުވާތީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި ސިޔާސީ ފަރާތްތަކުން މިނިމަން ވޭޖް ކަނޑައަޅަން ޖެހޭ ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް މިއަދާ ހަމައަށް ވެސް މިނިމަން ވޭޖް ކަނޑައެޅި ތަންފީޒުވެފައި ނުވާކަން ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި އުޅެވޭވަރުގެ މިނިމަމް ވޭޖެއް ލިބުމަކީ މަސައްކަތްތެރިން އިގްތިސާދީ ގޮތުން ބާރުވެރިވެ، ވީހާވެސް ގިނަ ދިވެހީންނަށް ވަޒީފާލިބި ގައުމުގެ އާންމު ހާލަތު ރަނގަޅުވާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

މިސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެންމެ މުހިންމު އެއް ވައުދަކީ މިނިމަމްވޭޖް ކަނޑައެޅުންކަން ފާހަގަ ކުރައްވަމުން އެ ޖަމިއްޔާއިން ބުނީ މިއަދާހަމައަށް އައިރު ވެސް މިނިމަމްވޭޖެއް ކަނޑައެޅިފައި ނުވާތީ ހިތާމަކުރާ ކަމަށެވެ.

މިނިމަމްވޭޖު ކަނޑައެޅުމަށް އެކި ދިރާސާތައް ކުރެވި މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އަދަދުތަކެއް ކަނޑައެޅި ސަރުކާރަށް 2019 ވަނަ އަހަރު ހުށަހަޅާފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފަ އެވެ. ނަމަވެސް، އެ ހުށަހެޅުންތައް ބަލައިގަނެ އަމަލީ ގޮތުން އެކަމާއި ގުޅިގެން ދިރާސާކޮށް މަޝްވަރާކޮށް މިނިމަމްވޭޖް ކަނޑައެޅި، ތަންފީޒް ވެފައިނުވާ ކަން ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރު ކުއްލިޔަކަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި ހަ ވަނަ އިސްލާޙާ ގުޅިގެން އަނެއްކާ ވެސް މިނިމަމްވޭޖް ކަނޑައެޅުން ލަސްވެ، އާބޯޑެއް އެކުލަވާލަންޖެހި އަލުން އެންމެ ކުޑައުޖޫރައިގެ ގޮތުގައި ދޭނެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރި އެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް ގެނެވުނު މިދެންނެވި އިސްލާހާއި އެކު މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުޅިން އަލަށް 11 މެންބަރުންގެ މަށްޗަށް އެކުލެވޭ އެޑްވައިޒަރީ ބޯޑެއް އެކުލަވާލެވިފައިވާއިރު، އެ ބޯޑުގައި މަސައްކަތްތެރިން ތަމްސީލް ކުރުމަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަދަށް (5 މެންބަރުން) މިހާތަނަށް ވެސް އައްޔަން ކޮށްފައިނުވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. އަލަށް އެކުލަވާލެވުނު ބޯޑުގައި މަސައްކަތްތެރިން ތަމްސީލް ކުރުމަށް އައްޔަންކޮށްފައި ވަނީ، މޯލްޑިވްސް ޓުރޭޑް ޔޫނިޔަން ކޮންގްރެސް އާއި، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ސިވިލް ސާވިސް އެސޯސިއޭޝަން ގެ އިތުރުން ޗާޓާޑް އެކަންއުންޓްސް މޯލްޑިވްސް އެވެ.

"މިނިމަމްވޭޖަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޓުރައިޕާޓައިޓް އުސޫލުން މަޝްވަރާ ކުރެވިގެން ކަނޑައަޅާ، ކާމިޔާބުކަމާއި އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން މަސައްކަތްތެރިންނާއި ވިޔަފާރިތަކާއި ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަމަށް ހެޔޮބަދަލުތަކެއް ގެނުވާފައިވާ ކާމިޔާބު ސިޔާސަތެއް. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ކަނޑައަޅައިފައިވާ ހަރުދަނާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީން ރާއްޖޭގައި ވެސް މިކަން ވީހާވެސް އަވަހަކަށް ކަނޑައެޅި މަސައްކަތްތެރީންނަށް މީގެ މަންފާ ލިބޭނެ މަގަށް މަސައްކަތްކުރުމަށް ގޮވާލަން،" ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް އެތައް ގޮތަކުން މުހިންމު ކަމެއް ކަމަށް އެ ޖަމުއިއްޔާއިން ދެކޭ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތަކާއި އަދުލް އިންސާފު ހޯދުމަށް ކުރިޔަށްވުރެ މާބޮޑަށް އެކުގައި މަސައްކަތްކުރުން މުޙިންމު ކަމަށް ހަނދުމަކޮށް މަސައްކަތުގައި ދެމިތިބުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެ އެވެ.