ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކޮންސިއުމަ އޮމްބަޑްސްމަންގެ މަގާމަށް މއ. ޕެރިސްގެ، މަރްޔަމް ޝަމްއާ އިސްމާއިލް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިމަގާމަށް ޝަމްއާ އައްޔަންކުރެއްވީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ޝަމްއާއަކީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ބެޗްލާ އޮފް ލޯ ހާސިލު ކުރައްވާފައި ބޭފުޅެކެވެ.

ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަމްއާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓުގެ މަގާމުގަ އެވެ. އޭގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަގާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި، އެ ހައްގުތައް ހިމާޔަތްކުރުމާއި ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށް ދޭ ހިދުމަތެއްގައި ފުރިހަމަވާން ޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި އެފަދަ ޝަރުތުތަކާއި ނުވަތަ މިންގަނޑުތަކާ ހިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށް ދޭ ފަރާތްތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެވެ.

އެ ގާނޫނުގެ ދަށުން ކަނޑައަޅާ ކޮންސިއުމާ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ގާނޫނާއި ހިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި ގާނޫނާއި ހިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުން ހިމެނެ އެވެ.