ރ. އަލިފުށީގެ ބިން ހިއްކުމާއި އެރަށުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އަލިފުށީ އެއާޕޯޓު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މިމަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއާޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެކެވެ.

މި މަޝްރޫޢުގެ ދަށުން، 1،200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑު ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއްވެސް ޤާއިމްކުރެވިގެންދާނެއެވެ. މިއީ 61.451 މިލިއަން ރުފިޔާ ގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ނިންމުމަށް ހަމަޖެހިފައިވަނީ 750 ދުވަހުގެތެރޭގަ އެވެ. އަދި މި މަޝްރޫޢަކީ އަގުގެ ގޮތުންނާއި، މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން މިކުންފުންޏާއި ހަވާލުކުރެއްވި އެންމެ ބޮޑު މަޝްރޫޢެވެ.