މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވަން ދަތުރުދާނެ ރަށެއްގެ ގޮތުގައި ކ. ކުޑަގިރީ ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އެ ޕްރޮޖެކްޓްގެ އަގަކީ 41.49 މިލިއަން ރުފިޔާ އެވެ.

އަށް ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އެ ޕްރޮޖެކްޓްގައި 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމުކުރާނެ އެވެ. އަދި 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސްއެއް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ކުޑަގިރިއަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ފެރީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކުރިއަށް އޮތް 8 ވަރަކަށް މަސްދުވަހުގެ ތެރޭގައި މިސަރަޙައްދުގެ ރައްޔިތުންނަށް ދަތުރުދާނެ ރަށެއް ލިބިޭނެ ކަމަށެވެ. އަދި މިމަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ހަދާ އީއައިއޭގެ 80 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ޕިކްނިކް އައިލެންޑްގެ މަޝްރޫޢާއި ގުޅިގެން މިވަގުތު ސާވޭއަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށް އާއްމުންގެ ޚިޔާލަށް ޕްލޭނިން މިނިސްޓްރީން ވަނީ ހުޅުވަލާފަ އެވެ.

އެ މިނިސްޓްރީން ބުނީ އީއައިއޭގެ މަސައްކަތްތައް ނިމުމާއެކު ޕިކްނިކް އައިލެންޑް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ކޮންސެޕްޓް ޢާއްމުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.