ރާއްޖޭގައި ރިސޯޓް، ހޮޓާ، ސަފާރީ އަދި ގެސްޓްހައުސްތަކުގައި ހުރި ޓޫރިސްޓު އެނދުގެ 55 ޕަސެންޓް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 55 ޕަސެންޓް އެނދު އޮޕަރޭޝަނަށް ގެނައުމުގެ އިތުރުން 12 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ފަށާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ގިނަ އަދަދެއްގެ ޗާޓަރު ފްލައިޓްތައް ވެސް އަންނަ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ރާއްޖެއިން ވަނީ ރައްކާތެރިކަމާއެކު ޓޫރިޒަމް ކުރިޔަށް ގެންދެވޭނެ މިންގަނޑެއް ކަނޑައަޅާފައި. ރާއްޖޭގެ ޓޫރިޒަމް ހުޅުވާލެއްވި ކަމަށްޓަކައި ރައީސް ސޯލިހުއަށް ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15ން ފެށިގެން މިދިޔަ ބުދަ ދުވަހު ރާއްޖެއަށް 26،720 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއާއެކު ޖެނުއަރީ 1ން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ ޖުމްލަ 409،567 ޓޫރިސްޓުންނެވެ.