މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް 143،599 ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މިދިޔަ މަހު އެވެ. އެގޮތުން އެ މަހު ރާއްޖެއަށް 143،599 ޒިޔާރަތް ކޮށްފައިވެ އެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4639 ފަތުރުވެރިން އާދެ އެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓު މަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރީ 755،966 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް ވަނީ 159،873 ފަތުރުވެރިން އައިސްފަ އެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށްވަނީ 157،289 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. 43،833 ފަތުރުވެރިންނާއެކު ތިން ވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަންވިލާތުންނެވެ.

ކޮވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މިހާރު ރަނގަޅުވަމުން އަންނައިރު، މިއަހަރު ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.