ރެމިޓެންސްގެ ގޮތުގައި މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް 14.1 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 14.1 މިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، މި އަދަދަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރުކުރި ފައިސާގެ އަދަދަށްވުރެ 21 ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދެ ކުންފުންޏަކުން ދީފައިވާއިރު މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ރާއްޖެއިން ވަނީ 31.9 މިލިއަން ޑޮލަރު ބޭރުކޮށްފަ އެވެ. މިއަދަދަކީ ވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 47.9 މިލިއަން ޑޮލަރާއި އަޅާ ބަލާއިރު 33 ޕަސެންޓް ދަށް އަދަދެކެވެ.

ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ 68 އިންސައްތައަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާ އެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރުކޮށްފައިވާ ފައިސާގެ ތެރެއިން 50 ޕަސެންޓަކީ ބަންގްލަދޭޝަށް ބޭރުކޮށްފައިވާ ފައިސާއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކޮށްފައިވަނީ އިންޑިއާއަށެވެ. އެއީ 11 އިންސައްތައެވެ. ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކޮށްފައިވަނީ މިސްރަށެވެ. އެއީ 6 އިންސައްތަ އެވެ.

މި މުއްދަތުގައި ބޭރު ޤައުމުތަކުން ރާއްޖެއަށް ވަނީ 12.8 މިލިއަން ރުފިޔާ ފޮނުވާފަ އެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 19 ޕަސެންޓް ދަށް އަދަދެކެވެ.