އެސްޓީއޯއިން ރާއްޖޭގައި ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފި އެވެ.

ލައިސަންސަށް އެދޭ ފޯމް އެސްޓީއޯގެ ފަރާތުން އެމްއެމްއޭއަށް ހުށަހެޅުއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.

ޑިޖިޓަލް ބޭންކުގެ ހިދުމަތް ފެށުމުގެ ހުއްދައަށް އެދުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭގައި ލައިސަން ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފެށޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށް ޑިޖިޓަލް ބޭންކިންގެ ލައިސެންސް ލިބުމުން ކަމަށް ވާތީ، އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަށަން ގަސްދު ކޮށްފައިވާ ބޭންކިން ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް. އެކައުންޓު ހުޅުވާކަށް މީހެއް ކައިރިއަށް ދާކަށް ނުޖެހޭ. އޮންލައިންކޮށް ފަސް މިނިޓުތެރޭގައި އެކައުންޓު ވެސް ހުޅުވާލެވޭނެ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިބޭންކުގެ ހުރިހާ ޚިދުމަތެއް ވެސް ކުރިއަށްދާނީ ޑިޖިޓަލްކޮށް ކަމަށެވެ.

"މި ބޭންކުގައި ފަސް މިނެޓްތެރޭ އަމިއްލައަށް އެކައުންޓު ހުޅުވާލެވޭނެ، 60 ސިކުންތުތެރޭ ލޯނަށް އެޕްލައިކޮށްފައި، ލޯން ބޭންކު އެކައުންޓަށް ޖަމާވާނެ، މީގަ އެންމެ ބޮޑު ކަމަކީ އަމިއްލައަށް ފައިނޭންސް މެނޭޖްކުރެވުން، ބޭންކަކަށް ދާން ނުޖެހި ހުރިހާ ކަމެއް ވެސް އަމިއްލައަށް ކުރެވުން،" އަމްރު ވިދާޅުވި އެވެ.

ދުނިޔޭގައި ވެސް ޑިޖިޓަލް ބޭންކިން ދާއިރާއަކީ ކުރިއަރަމުން އަންނަ ދާއިރާއެއް ކަމަށާއި، ކުރީ ސަފުގައި ރާއްޖެއިން މިކަންކޮށްފި ނަމަ ދުނިޔޭގެ ފެންވަރުގައިވެސް ރަނގަޅު ބޭންކަކަށް މި ބޭންކު ވެގެންދާނެ ކަމަށް ގަބޫލްކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ބޭންކެއް ފެށުމަށް ބޭނުންވާ ކެޕިޓަލް ވެސް އެ ކުންފުނީގައި އެބަހުރި ކަމަށެވެ.

އެސްޓީއޯއިން މިހާރުވެސް ވިޔަފާރީގެ ގިނަ ދާއިރާތަކެއްގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެތެރޭގައި ކާބޯތަކެތި ވިއްކުމުގެ ވިޔަފާރިއާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ޕެޓްރޯލް އަދި ޑީސަލް ވެސް އެސްޓީއޯއިން ދަނީ ވިއްކަމުންނެވެ.