ދިރާގުން އެ ކުންފުނީގެ އޭޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް އަންނަ މަހުގެ ނިޔަލަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތައް ބަދަލު ކުރުމަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އޭޑީއެސްއެލް ކަސްޓަމަރުން ފަސޭހަކަމާއެކު ފައިބާއަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައި އެކައުންޓް www.dhiraagu.com.mv/ocs މެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ވެސް މެ އެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓް މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައި އެވެ. މީގެ ތެރޭގައި 64 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެ އެވެ.

ދިރާގުގެ މަގުސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަގީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.