މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އޮގަސްޓްމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު 63 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓްމަހު މި އަދަދުވަނީ 3.5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއިން 675 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އޮގަސްޓްމަހު އެކްސްޕޯޓްކޮށްފައި ވަނީ 270 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 60 ޕަސެންޓްގެ ދަށްވުމެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓްމަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 182 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު 102 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓްމަހު މި އަދަދު ވަނީ 288 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، ޗައިނާ އަދި ޔޫއޭއީ އެވެ. އިންޑިއާއިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 458 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީން 447 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެތެރެކޮށްފައިވެ އެވެ.