މި މަހުގެ މިހާތަނަށް 29 ގެސްޓް ހައުސްއެއް އަލުން ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފި އެވެ.

ޓޫރިޒަން މިނިސްޓްރީން އިއްޔެ ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ލޯކަލް ގެސްޓް ހައުސްގެ ގޮތުގައި ގެސްޓް ހައުސް ހުޅުވުމަށް މިމަހުގެ ތެރޭގައި ހުއްދަ ދީފައިވަނީ ހަތަރު އަތޮޅެއްގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށެވެ. އެއީ މާލެ އަތޮޅާއި، ނ، ވ އަދި އއ އަތޮޅުގެ 29 ގެސްޓް ހައުސްއަކަށެވެ. މީގެ ތެރެއިން ގިނައީ މާލެ އަތޮޅުގެ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކެވެ.

އަލަށް ހުއްދަދިން 29 ގެސްޓްހައުސްގެ އިތުރުން މާލެ، އަދި ހުޅުމާލޭގައި 15 ގެސްޓް ހައުސްއެއް ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ހުޅުވުމުގެ ހުއްދަ ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފަ އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޑިސެމްބަރު 1ގެ ނިޔަލަށް 119 ރިސޯޓް އޮޕަރޭޝަންސް ފަށާނެ އެވެ. މީގެ ތެރޭގައި މިހާރުވެސް އޮޕަރޭޝަން ގައި ހިންގާ ރިސޯޓްތައް ހިމެނެ އެވެ. އެއާއެކު ޓޫރިސްޓް ވެސެލެގެ ގޮތުގައި 117 އުޅަނދަށް ވެސް އޮޕަރޭޓް ކުރުމުގެ ހުއްދަ މިހާރު ވަނީ ދޫކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ 1ން ފެށިގެން މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ ޖުމްލަ 411،977 ޓޫރިސްޓުންނެވެ.