ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ފައިނުގައި ހިތްގައިމު ލައިބްރަރީއެއް ގާއިމްކޮށްފި އެވެ.

ފައިނުގެ ފޭސް ޖަމިއްޔާ އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން އެ ރަށުގެ ކޮމިއުނިޓީ ސެންޓަރު ހުންނަ އިމާރާތުގައި ވަނީ އާންމުންނަށް ބޭނުންކުރުމަށް ލައިބްރަރީއެއް ހުޅުވާލާފަ އެވެ.

މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައުއެއް ބިނާކުރުމެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ލައިބްރަރީގައި ތަފާތު ފޮތްތައް ހިމަނައި، ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މީގެ އިތުރުން ލައިބްރަރީގައި ވަނީ ކޮމްޕިއުޓަރު ލެބެއް ވެސް ގާއިމުކޮށްފަ އެވެ. މިގޮތުން ދަރިވަރުން ސްކޫލުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ރިސާޗް މަސައްކަތް ކުރުމަށް ތިން ކޮމްޕިއުޓަރު ސިސްޓަމް ބަހައްޓާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ރ. ފައިނުގައި ބީއެމްއެލް އިން ހެދި ލައިބްރަރީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ކޮމިއުނިޓީ ސެންޓަރު ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތް ކިޔަން ތިބެވޭނެހެން ބެޗް ބަހައްޓައި ފޮތް ހަރުގަނޑު ވެސް ބަހައްޓާފައިވާ ކަމަށެވެ. އަދި އެ ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އުޅޭ ތިން ސަރަހައްދެއްގައި މޮބައިލް ފޮތް ހަރުތަކެއް ބެހެއްޓި ގިނަ ރައްޔިތުންނަށް ފޮތް ކިޔޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާސް (ފޭސް) ޖަމިއްޔާގެ ރައީސް ޙުސައިން ވަހީދު ވިދާޅުވީ ޕަބްލިކް ލައިބްރަރީ އަދި ކޮމްޕިއުޓަރު ލެބްގެ ސަބަބުން ސްކޫލް ދަރިވަރުންނާއި، އެކި ކޯސްތަކުގައި ކިޔަވަމުންދާ ފަރާތްތަކާ އަދި މިޖަމިއްޔާއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކުދި ކޯސްތަކުގެ ބައިވެރިންނަށް އިލްމީ ދިރާސާ، އެސައިންމެންޓް އަދި ރިފަރެންސް މެޓީރިއަލް ހޯދުމަށް ވަރަށް ބޮޑު އެހީއަކަށްވާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އެކި ފަންތީގެ މީހުން ފޮތްކިޔުމަށް އަހުލުވެރިވެ އިލްމީ މުޖުތަމައުއެއް ބިނާ ކުރުމަށް މިޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު އެހީއަކަށްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރ. ފައިނުގައި ބީއެމްއެލް އިން ހެދި ލައިބްރަރީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.