ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުންގެ ކަންބޮޑުވުންތައް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޕައިލެޓުންނާއެކު ބައްދަލުވުމެއް ބާއްވާފައި ވަނީ މިއަދު މެންދުރު 12:00 ޖެހިއިރު ރައީސް އޮފީހުގައި ކަމަށެވެ. ބައްދަލުވުމުގައި ޕައިލެޓުން އެމީހުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ޕައިލެޓުނާއެކު ރައީސް ސޯލިހު މިއަދު ބައްދަލުކުރެއްވިއިރު މިއަދު މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުން ވަނީ އިހުތިޖާޖު ކޮށްފަ އެވެ. ޕައިލެޓުން އިހުތިޖާޖު ހުއްޓާލީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކުރިން ހުރި ވަރަށް މުސާރަ ބޮޑު ކޮށްދޭނެކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަނުން ދިނުމާ ގުޅިގެންނެވެ. އަދި އެ މީހުން ވަނީ ވަޒީފާއަށް ވެސް ނުކުމެފަ އެވެ.

ޕައިލެޓަކު ބުނި ގޮތުގައި އައިލެންޑެ އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ރޭ ވަނީ ޕައިލެޓުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި އަންނަ މަހުން ފެށިގެން މުސާރަ 80 ޕަސެންޓަށް ބަދަލު ކުރުމަށާއި ޖެނުއަރީން ފެށިގެން ހަމަ މުސާރައަށް އިއާދަ ކޮށް ދެއްވަން އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަތައް 40 ޕަސެންޓަށް ކުޑަކުރި އެވެ. ޕައިލެޓުން ބުނަނީ މި ވަގުތު ދަތުރުތައް އިތުރުވުމުން ކުރީގެ މުސާރަ ދިނުމުގައި އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ޑޭޝް ބޯޓުތަކުގެ ޕައިލެޓުންގެ އިތުރުން ސީ ޕްލޭން ޕައިލެޓުންގެ މެދުގައި ވެސް ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބައޮތެވެ. މި މައްސަލަގަނޑުގެ ތެރެއިން ސީޕްލޭން ދުއްވި ހަތް ޕައިލެޓުން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާދީފަ އެވެ.