ސްރީލަންކަން އެއާލައިންސް އަންނަ ނޮވެމްބަރު މަހުން ފެށިގެން ސީދާ ދަތުރުތައް ސ. ގަމަށް ފެށުމަށް ނިންމައިފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ނޮވެމްބަރު މަހު ދެވަނަ ދުވަހުން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގަމުން ފުރާ ފަރާތްތަކަށް ލަންކާ މަގުން ގިނަ ސަރަހައްދުތަކަށް ދަތުރު ކުރެވޭނެ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

އެގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކަށް މިހާރު ވެސް ކަނެކްޝަން ލިބޭނެކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.

ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް ފެށުމަށް ތައްޔާރުވަމުން ދާއިރު، މިހާރު ވެސް ޗާޓަރު ދަތުރުތަކެއް ސްރީލަންކަން އެއާލައިންސްއިން ގަމަށް ކުރެ އެވެ. މިފްލައިޓުތަކުގައި ގިނައިން އަންނަނީ އިންޑިއާގެ ފަތުރުވެރިންނެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގަ އެވެ. އޭރު ހަފްތާއަކު ތިން ދަތުރުކުރަނިކޮށް ދަތުރު ހުއްޓާލީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާ ގުޅިގެންނެވެ.