އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގައި އޮޕަރޭޓްކުރާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ މާސްޓަކާޑާއި އެމްޓީސީސީއާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ އެވެ.

މި ރަސްމިއްޔާތުގައި މާސްޓަކާޑުން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ރާޖޭޝް މަނީ ވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓަކާޑުން ހިންގާ "ސްމާޓް ސިޓީސް" ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފްކުރެވި ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދެވި، ހިދުމަތްދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ވިދާޅުވީ އެ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަވާ ކަންކަމުގައި އިންވެސްޓުކުރުމަކީ ބޭންކުގެ ވިޔަފާރީގެ މުހިންމު ބައެއް ކަމަށެވެ. އަދި މި ސިސްޓަމާއެކު ބޭންކުގެ ޑިޖިޓަލް ކާޑާއި މޯބައިލް ޕޭމަންޓް މެދުވެރިކޮށް ދަތުރުފަތުރުގެ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ އަޅުގަނޑުމެންގެ ވިޔަފާރީގެ މުހިންމު ބަޔެއް. މާސްޓަ ކާޑާއި އެމްޓީސީސީ އާ ގުޅިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮޖެކްޓް މެދުވެރިކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ކާޑު އަދި މޯބައިލް ޕޭމަންޓް ސޮލިއުޝަން ޕަބްލިކް ޓްރާންސްޕޯޓް ސިނާއަތާ ގުޅާލެވިގެންދާނެ،" ޓިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮންޓެކްޓްލެސް ޕޭމަންޓް ސިސްޓަމްތަކުގެ މުހިންމުކަން މިދިޔަ އަހަރު ވަރަށް ބޮޑަށް އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ދަތުރުފަތުރުގެ ހިދުމަތް ހޯދާ މީހުންނަށް ފަސޭހައިން ފައިސާ ދެއްކޭ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ކުންފުންޏަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ބީއެމްއެލް އާއި މާސްޓަރކާޑާއެކު މި އެއްބަސްމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ފާއިތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވަނީ އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އިހުނަށް ވުރެ މުހިންމުކަން. މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްކާތެރި ފަސޭހަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. މި ހިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ،" އާޒިމް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން މާސްޓަކާޑުގެ ކަންޓްރީ މެނޭޖަރ،ު ސްރީލަންކާ އެންޑް މޯލްޑިވްސް، ރާޖޭޝް މަނީ ވިދާޅުވީ ދިވެހި ސަރުކާރާ އެކު އާ ޕްރޮޖެކްޓެއްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ އެހީގައި ތައާރަފު ކުރާ ޕޭމަންޓް ސިސްޓަމްގެ ސަބަބުން ހިދުމަތް ދޭ ފަރާތުގެ ހަރަދުތައް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ސަރުކަރާއެކު އަލުން ޕްރޮޖެކްޓެއްގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިފަހަރު މި ތައާރަފް ކުރެވެނީ އަޅުގަނޑުމެންގެ އޯޕަން ލޫޕް މާސްޓަރކާޑު ޓްރާންސިޓް ސޮލިއުޝަންޝް ސިސްޓަމް. މީގެ ސަބަބުން ހިދުމަތްދޭ ފަރާތަަށް ހަރަދުތައް ކުޑަކުރެވޭނެ. އަދި ހަމައެހެންމެ ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވޭނެ. މި ޕްރޮގްރާމް މެދުވެރިކޮށް މާސްޓަކާޑުން ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ލިބިފައިވާ މިފަދަ ގިނަގުނަ ތަޖުރިބާ އާއެކު ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގައި ޑިޖިޓަލްކޮށް ހިދުމަތް ދިނުމުގެ ސްރެޓަޖީގެ ލަނޑުދަނޑި ހާސިލްކުރުމަށް ހިއްސާވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއް،" ރާޖޭޝް ވިދާޅުވި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ނޮވްމެބަރު މަހުގަ އެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށް ކޭޝްކާޑުން ފައިސާ ދެއްކޭއިރު އެހެން ފަސިންޖަރުންނަށް، މާސްޓަކާޑާއި އެމްޓީސީސީ ގުޅިގެން ތައާރަފު ކުރާ ދަތުރު ކާޑެއް ލިބޭނެ އެވެ. އެހެން ބޭންކުތަކުގެ ކަސްޓަމަރުންނަށް މި ހިދުމަތް ތައާރަފު ކުރާނީ ދެވަނަ ފިޔަވަހީގެ ދަށުންނެވެ.