މިއަހަރުގެ މިހާތަނަށް 800،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 104.4 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިއްޔެ ނިޔަލަށް ރާއްޖެ 809،764 ފަތުރުވެރިން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 396،129 ފަތުރުވެރިންނެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 4،862 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވަމުން އަންނައިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 4،000 އިން މަތީގަ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 22.4 ޕަސެންޓަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ.

ރަޝިޔާއިން 20.4 ޕަސެންޓް ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކަ އެވެ.