ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް މިހާތަނަށް 3.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން އާންމުކުރާ "ވީކްލީ ކޮވިޑް-19 ސްޕެންޑިން" ރިޕޯޓްގައި ބުނެފައިވާ ގޮތުން މިހާތަނަށް ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 2.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީގެ އެކި މަސައްކަތްތަކަށް 805.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މީގެ އިތުރުން ނެޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތަކަށް 785.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އައިޖީއެމްއެޗްގެ މަސައްކަތްތަކަށް 192.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ކޯވިޑާއި ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.7 ބިލިއަން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދަށުން ކޯވިޑް ރިކަވަރީ ލޯން ސްކީމަށް މިހާތަނަށް ވަނީ 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ދީފައިވާއިރު، ކަރަންޓު ބިލްތަކަށް ޑިސްކައުންޓުގެ ގޮތުގައި 172.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.