ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސާ އެގްރީމަންޓްގެ އާ ކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ހަފްލާގައި މި އެގްރީމަންޓްގައި ސޮއިކުރެއްވީ ބީއެމްއެލްގެ ފަރާތުން ސީއީއޯ ޓިމް ސޯޔާ އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

މި އެގްރީމަންޓުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭ ވެސް އެއްފަދައިން ގައުމީ ސީނިއާ ފިރިހެން ޓީމާއި، ސީނިއާ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޓިމް ވިދާޅުވީ ރާއްޖޭގެ ޒުވާން ކުޅުންތެރިން އުފެއްދުމަށް ބީއެމްއެލްއިން އަބަދުވެސް އިސްކަމެއްދޭ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނާޝިޕް އާ ކުރެވިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އަޅުގަނޑުމެން ނުހަނު ބޮޑު އިސްކަމެއް ދޭކަމެއް ވެސްމެ. ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން،" ޓިމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ބީއެމްއެލްއާއެކު މި އެއްބަސްވުން އައު ކުރެވިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް އަދި އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ ފަހުރު. އަދި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ. މި ފުރުސަތުގައި ޤައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ބައްސާމް ވިދާޅުވި އެވެ.

2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް 2021 ގެ އޮފިޝަލް ބޭންކިން ޕާޓްނަރަކީ ވެސް ބޭންކް އޮފް މޯލްޑިވްސް އެވެ.