އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުންކުރުން ހުއްޓާލަން ނިންމައި، ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައިފި އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި މި އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު މިކުންފުނިން ވާނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ކުންފުނިން ހިންގަމުން އަންނަ 35 އިންޖީނުގެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ހަދާފަ އެވެ.

"އެ ނިންމުމާއެކު، ސްޓެލްކޯއިން އަމާޒު ހިފީ ކައިރި މުސްތަގުބަލެއްގައި މިކުންފުނީގެ 'ސްޓެލްކޯ ފެން' ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް. އެގޮތުން އެ އަމާޒަށް ވާސިލްވުމަށް މިހާރު ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން އެއްކޮށް ހުއްޓާލާފައި،" އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެންބަންދުކުރުން ހުއްޓާލުމާއި ގުޅިގެން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ނިންމުމަކީ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކްގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިއްމު ނިންމުމެއް ކަމަށާއި، ސްޓެލްކޯއިން މި ދެއްކި ނަމޫނާއާއި އެއްގޮތަށް އެހެން ފަރާތްތަކުން ވެސް އަމަލު ކުރަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލިނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާއި ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް. އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ކުރި މަސައްކަތުގައި މުވައްޒަފުން ބައިވެރި ކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ވަނީ ހަވާލުކުރެވިފަ އެވެ. އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް ކުންފުނީގެ މައި އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކުގައި ވޯޓާ ޑިސްޕެންސާ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މީގެ އިތުރުން މިކުންފުނީގެ ވިޔަފާރި ޚިދުމަތްތަކުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް ވަންނަ ފަރާތްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ޕްލާސްޓިކް ހެޑްއޮފީހުގެ އިމާރާތުގެ އެތެރެއަށް ވަންނައިރު ބެހެއްޓޭނެ ނުވަތަ ރައްކާކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ގާއިމް ކޮށްދެވިފައި،" ސްޓެލްކޯ އިން ބުންޏެވެ.