މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އުތުރު ސަރަހައްދީ އޮފީސް ކުޅުދުއްފުށީގައި ރަސްމީކޮށް ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އުތުރު ސަރަހައްދީ އޮފީސް ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު މާރިޔާ ވިދާޅުވީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީގައި ހުޅުވިގެން ދިޔަ ކަސްޓަމްސް އޮފީހުގެ ސަބަބުން މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން މީހާ އަށް އަގު ހެޔޮކޮށް މުދާ ލިބިގެން ދިޔުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް، އަބްދުﷲ ޝަރީފް ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވިގެން ދިޔަ ކަސްޓަމްސް އޮފީހަކީ އުތުރުގެ ތަރައްގީ އިތުރު ހަރުފަދަކަން ގެންދިޔުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށެވެ.

"ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބުމުގެ އިތުރުން މާލެ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށް ލުއިއެއް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.

ތިން ފަންގިފިލާއަށް އިމާރާތް ކުރެވިފައިވާ މިއިމާރާތުގެ މަސައްކަތް ނިމި ބޭނުން ކުރަމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. މި އިމާރާތުގައި އޮފީހަކާއި އެކޮމަޑޭޝަން އާއި ޓްރެއިނިން ސެންޓަރެއް ވެސް ހިމެނިފައިވެ އެވެ. އެންފޯސްމެންޓްގެ ދާއިރާއިން އުރުތުގައި ހިންގާ ޓްރެއިނިންތައް ހިންގާނީ މިސެންޓަރުގަ އެވެ.

މި އިމާރާތް ނިންމުމަށް 16.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އިމާރާތުގެ މަސައްކަތް ނިންމައިދީފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ.