ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސަރުކާރުގެ ގިނަ ކުންފުނިތަކުން ވެސް ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކޮވިޑް-19 ގެ ދަތި ހާލަތުގައި ވެސް ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުން އައި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ރައީސް އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުން ބިނާކުރުންކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ދިވެހިންގެ ހުނަރު އިތުރުކޮށް ދިވެހިންނަކީ ދިވެހިންގެ ކަންކަން ކުރެވޭނެ ބަޔަކަށް ހެދުމަށް ކުރައްވާ މަސައްކަތަކީވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިންނަށްޓަކައި ގެންގުޅުއްވާ އެންމެ މުހިންމު އެއްކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

ހަމަ އެއާއެކު މި ހަފުލާގައި ނައިބް ރައީސް ވަނީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއްދާއިރާ ކަމަށްވާ އެކި ފަންނުތަކުން މީހުން ބިނާކުރުމުގެ ދާއިރާއަށް، އެމްޕީއެމް އިންވެސް މަސައްކަތްތަކެއް ކޮށްދެއްވާތީ އެކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރޭގެ ހަފުލާގައި އެކުންފުނީގެ ފަރާތުން ސްކޮލާޝިޕްގެ ފުރުސަތު މުވައްޒަފުންނަށް ފޯރުކޮށްދެއްވާފައި ވާތީ އެކަމަށްޓަކައި ނައިބު ރައީސް ޝުކުރު އަދާކުރެއްވެވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ކޮވިޑް-19 ގެ ހާލަތުގައި އެމްޕީއެލްގެ ފަރާތުން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ތަކެއްޗެއް ފޯރުކޮށްދިނުމަށްޓަކައި އެމްޕީއެލްގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމްޕީއެލްގެ މަސައްކަތް ގުޅިގައި ވަނީ ދިވެހިރާއްޖޭގެ ކޮންމެ ފަރުދަކާއި ކަމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެއް މަސައްކަތް ކުރާބަޔަކީ އެމްޕީއެލްގެ މުވައްޒަފުންނާއި އެބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތައްތަކެއް ކަމަށް މި ހަފުލާގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މި ހަފުލާގައި ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް އެންމެން އެއްބައިވެގެން ގައުމަށްޓަކައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި އެންމެން އެއްކޮށް އެއްސަފެއްގައި ތިބެގެން މަސައްކަތްކޮށްފިކަމުގައިވާ ނަމަ ކާމިޔާބުނުވާނެ ކަމެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމްޕީއެލް އަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާކުރި ފަރާތްތަކަށް ޝަރަފުގެ އައްޑަނަ ހަވާލުކުރައްވާފަ އެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އެމްޕީއެލްގެ ސްކޮލާޝިޕަށް ހޮވިފައިވާ މުވައްޒަފުންނަށް ސްކޮލާޝިޕް އެވޯޑް ހަވާލުކުރައްވާފަ އެވެ.

މި ހަފުލާގައި އެމްޕީއެލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވެސް ވަނީ ހާއްސަ ހަދިޔާއެއް އަރުވާފަ އެވެ.