އަންނަ އަހަރު މިހާލަތުގައި ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް އެމްއެމްއޭއިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ސީނިއާ ރިސާޗް އެނަލިސްޓް ދަހާ ޝުއައިބު ހަދާފައިވާ ޓޫރިޒަމް ކުރިއަށް ލަފާކޮށް ހަދާފައިވާ ދިރާސާގައި ބުނެފައިވަނީ ރާއްޖެ މިހާރު މިއޮތް ހާލަތުގައި މިއަހަރު ނިމޭއިރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު އެންމެ ރަނގަޅުވެގެންދާ ހާލަތުގައި ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާއިރު 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން އެ ދިރާސާގައި ވަނީ ފަތުރުވެރިކަން އެކަށީގެންވާ ހާލަތެއްގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ފަތުރުވެރިންގެ އަދަދު ވެސް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އަންނަ އަހަރު އެހާލަތުގައި 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އެ ދިރާސާގައި ބުނެ އެވެ.

ދިރާސާ ރިޕޯޓުގައި ހިމަނާފައިވާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދަށް ބަލާއިރު، މިއަހަރު ފަތުރުވެރިކަން އެންމެ ރަނގަޅު ހާލަތުގައި މިއަދަދު ހުންނާނީ 7.5 މިލިއަންގައި ކަމަށްވަނީ ލަފާކޮށްފަ އެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވެގެންދާ ހާލަތުގައި ފަތުުރުވެރިން ހޭދަކުރާ ރޭގެ އަދަދު 10 މިލިއަނަށް އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.