ބަންގްލާދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިނެއް ކަމަށްވާ ޔޫއެސް- ބަންގްލާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ޔޫއެސް- ބަންގްލާގެ ދަތުރުތައް ބަންގަލަދޭޝްގެ ވެރިރަށް ޑާކާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ. ދަތުރުތައް ފަށާއިރު އެ ގައުމުގެ ވެރިރަށް ޑާކާ އާއި މާލެއާ ދެމެދު ކޮންމެ ހަފްތާއަކު ހަތަރު ދަތުރުކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖެއާ ދެމެދު ކުރާ ދަތުރުތަަކަށް އެ އެއާލައިނުން 189 ސީޓް ހިމެނޭ ބޮއިން 737-800 ގެ ބޯޓެވެ.

ޔޫއެސް- ބަންގްލާއަކީ 2014 ވަނަ އަހަރު ފެށި، ބަންގްލާދޭޝްގެ އެންމެ ފެންވަރު ރަނގަޅު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެކެވެ. އަދި މިއީ އެ ގައުމުގެ އަމިއްލަ އެއާލައިންތަކުގެ ތެރެއިން އެންމެ ބޮޑު ފްލީޓް އޮތް އެއާލައިނެވެ.

ޔޫއެސް- ބަންގްލާ އެއާލައިނުން ސްރީ ލަންކާ އާއި ސައޫދީ އަށް ވެސް ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުން ނެވެ.

މިހާރު އެ އެއާލައިނުން ދަތުރުތައް ކުރަމުން އަންނަނީ ދުބާއީ އާއި އޮމާންގެ ވެރިރަށް މުސްކަޓުގެ އިތުރުން ދޯހާ އާއި ކުއަލަލަމްޕޫރް އާއި ސިންގަޕޫރު އާއި ޗެންނާއީ އަދި ޗައިނާއަށެވެ.