ޗައިނާ އިން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރަން ފަށާއިރަށް ރާއްޖެއަށް އަންނާނެ ކަމަށާއި އެ މީހުން ތިބީ ރާއްޖެ އަންނަން ކެތްމަދުވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު "ހުރިހާ"އަށް ވިދާޅުވީ ޗައިނާއިން އެ ގައުމުން ބޭރު އެއްވެސް ތަނަކަށް ދަތުރުކުރަން އަދި ނުފަށާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރުތައް ފަށާއިރަށް ރާއްޖެއަށް ވެސް ދަތުރުކުރާނެ ކަމަށް. އަދި އެކަމަކު އެ ދަތުރުތައް ފަށާނެ ދުވަހެއް ނޭނގެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ވިޔަފާރިއަކީ ދެ ގައުމަށް ވެސް އޭގެ ފައިދާ ލިބޭ ވިޔަފާރިއަކަށްވާތީ އެ ގައުމުން ވެސް ރާއްޖެއަށް ދަތުރުކުރަން ބޭނުންވާނެ ކަމަށެވެ.

"ޓޫރިޒަމް ވިޔަފާރިން އެއާލައިންތަކަށާއި ޓްރެވަލް އެޖެންޓުންނަށާއި އެނޫން އެކިއެކި ވިޔަފާރިތަކަށް އޭގެ ފައިދާ ކުރާނެ. އަޅުގަނޑަށް އެނގޭކަމަކީ އެ މީހުން ތިބީ ރާއްޖެ އަންނަން ކެތްމަދުވެފައި ކަން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ގާތްގަނޑަކަށް 30 ޕަސެންޓް ހިއްސާކުރާ ގައުމެކެވެ. އެ ގައުމުން މިދިޔަ އަހަރު ވެސް 280،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާއިން މިއަހަރު ރާއްޖެއަށް ޓޫރިސްޓުން ނާންނަ ނަމަ މައިނަސް 30 ޕަސެންޓްގައި އުޅޭނެ ކަމަށެވެ.

"އެހެން ގައުމުތަކުން ވެސް އެބައުޅޭ މައިނަސް 60 ޕަސެންޓްގައި. އަޅުގަނޑުމެން އެކަނި ގާތްގަނޑަކަށް ހުޅުވައިގެން މިތިބީ. އެހެންވެ މިހާރު މުޅި ދުނިޔެއަށް ރާއްޖެ އަންނަނީ ވިދަމުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް ރާއްޖެއަށް ދަތުރުތައް ފެށުމަކީ މުޅި ދުނިޔެއަށް ދިން ވަރަށް ވަރުގަދަ ސިގްނަލެއް ކަމަށެވެ. ހަމައެއާއެކު ސުވިޓްޒަލެންޑާއި ރަޝިއާއިން ދަތުރުތައް ފެށުމަކީ ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޑރ. މައުސޫމް ދެކެވަޑައިގަންނަވަ އެވެ.

"މިމަހުގެ 27 ވަނަ ދުވަހު ޖަރުމަނުގެ ލުފްތާންސާ ވެސް ދަތުރުތައް ފަށާނެ. ލުފްތާންސާ ކަހަލަ ސޭފްޓީ ސްޓޭންޑަޑް ވަރުގަދަ އެއާލައިނެއް ދަތުރުތައް ފެށުމަކީ ވެސް ވަރަށް ބޮޑު ސިންގަނަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.