މޯލްޑިވިއަން އިން ނ. މާފަރު އެއާޕޯޓުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކޮވިޑަށް ފަހު އެ ކުންފުނިން ފުރަތަމަ ފަހަރަށް އަލަށް ދަތުރުތައް ފަށަނީ ނ. މާފަރު އެއާޕޯޓާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާ ދެމެދުގައި ކަމަށެވެ. އެގޮތުން ނިއު ދިއްލީއަށް ކުރާ ދަތުރުތައް ފަށަން ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަފްތާއަކު ތިން ދުވަހު މާފަރުން ދިއްލީއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު އެ ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތީގެ އިތުރުން ހޮނިހިރު ގައެވެ.

މޯލްޑިވިއަންގެ މި ދަތުރުތަކަކީ ކޮވިޑަށް ފަހު ގައުމީ އެއާލައިނުން ފަށާ ފުރަތަމަ ބައިނަލްއަގްވާމީ ދަތުރުތަކެވެ.

ދަތުރުތައް ފަށަން ހުޅުވާލުމާއެކު މޯލްޑިވިއަންގެ ޓިކެޓް އޮފީސްތަކުންނާއި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ގަންނަން ލިބޭނެ އިރު މާފަރުން ދިއްލީއަށް ދެކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 285 ޑޮލަރަށެވެ. އަދި ނިއު ދިއްލީން މާފަރަށް ދެކޮޅު ޓިކެޓް ވިއްކުމަށް ހަމަޖައްސާފައި ވަނީ 312 ޑޮލަރަށެވެ.