ރާއްޖޭގެ ޕޭޕަލް އެކައުންޓްތަކަށް ފައިސާ ފޮނުވޭނޭ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދި އެމްއެމްއޭ އާއި ގައުމީ ބޭންކުން ޕޭޕަލްގައި އެދިފައިވާނެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕޭ،ަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ބިލާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަނީ އައިއެސްއޯ 222 ސްޓޭންޑާޑަށް ކަމަށެވެ. އަދި މި ބިލު ގާނޫނަކަށްވުމުން ޕޭޕަލްއަށް ރާއްޖޭގައި ހިދުމަތް ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

"ޕޭޕަލްގެ އިޝޫ މިހާރު ބޮޑަށް މިއޮތީ. އެ ބޭފުޅުންގެ ސްޓްރެޓެޖިކް ޕްލޭނުގެ ތެރޭގައި ރާއްޖެ ހިމެނޭތޯ ނޫންތޯ. އަޅުގަނޑުމެންނަށް ވެސް ވަރަށް ޕްރެޝަރު އަންނާތީ އަޅުގަނޑުމެން ވެސް ލިޔެފިން [ޕޭޕަލްއަށް]. ބޭންކް އޮފް މޯލްޑިވްސް އިން ވެސް އިޝާރާތްކުރި އެބޭފުޅުން ވެސް ލިޔެފީމޭ [ޕޭޕަލްއަށް]،" ގަވަރުނަރު ވިދާޅުވި އެވެ.

އަލީ ހާޝިމް ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ލިބޭނެ ގޮތް ހެދުމަކީ އެ ކުންފުނީގެ ނިންމުމެއް ކަމަށެވެ.

"އެ ޑެސިޝަނަކީ އެ ބޭފުޅުންގެ ޑެސިޝަނެކޭ. އަޅުގަނޑުމެންގެ ޑިސިޝަނެއް ނޫނޭ. އަޅުގަނޑުމެންގެ ޑެސިޝަނަކަށް ވާނީ އަޅުގަނޑުމެންގެ ސިސްޓަމް މިއޮތީ ތައްޔާރަށޭ ތިބޭފުޅުންނާ ގުޅާލަން. ތިބޭފުޅުންނަށް އެކްސެސް ވާނެޔޭ އަޅުގަނޑުމެންގެ ރައްޔިތުންގެ އެކައުންޓަށް،" އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ނުލިބޭ ވަރަށް ގިނަ ބަޔަކު ޝަކުވާކުރަމުންދާ ކަމަށެވެ.