މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ ފޮ މޯލްޑިވްސް (އެންސީބީ) އާ ދެމެދު މިއަދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި ސޮއިކުރީ މޯލްޑިވްސް ޕޮލިސް ސާވިސް ގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމްއޯޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެވެ. އަދި އެންސީބީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އިންޓަޕޯލް އަދި މީރާ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މީރާ

މީރާއިން ބުނީ މި އެމްއޯޔޫގެ ބޭނުމަކީ މީރާ އާއި އެންސީބީއާ ދެމެދުގައިވާ ގުޅުން ވަރުގަދަކޮށް، ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ކުށްކުރާ ފަރާތްތަކާ ގުޅޭ އެކި މައުލޫމާތު އެންސީބީ މެދުވެރިކޮށް މީރާއަށް ފޯރުކޮށްދިނުމަށް ކަމަށެވެ. މި އެމްއޯޔޫގެ ދަށުން ކުށްކުރާ ފަރާތްތަކުގެ ކުށުގެ ރިކޯޑުތައް ދެނެގަތުމުގެ އިތުރުން އެ ފަދަ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާނަމަ އެ ކަމުގެ މައުލޫމާތުތައް ހޯދުމުގެ މަގު ފަހި ވެގެންދާނެ ކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، ކްރިމިނަލް އޮގަނައިޒޭޝަންތަކުން ގެންގުޅޭ އެކިއެކި އުކުޅުތައް ދެނެގަތުމަށް އެހީއަކަށް ވެގެންދާނެ ކަމަށް މީރާއިން ބުންޏެވެ.