ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ޒަމާނީ ޕޭމަންޓް ސިސްޓަމެއް ގާއިމްކޮށް ރާއްޖޭގައި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ޖަލްސާގައި އަލީ ހާޝިމް ވިދާޅުވީ ރާއްޖެ އަށް ތައާރަފު ކުރަން އުޅޭ ޕޭމަންޓް ސިސްޓަމަކީ އެހެން ގައުމެއްގެ އުފެއްދުމެއް ކަމަށާއި އެ ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. ގަވަރުނަރު ވިދާޅުވީ، ޕޭމަންޓް ސިސްޓަމް ރާއްޖެ އަށް ގެނެސް، ރާއްޖެއާ ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ އޮންލައިން ސިސްޓަމްގެ ޓެސްޓިން މަރުހަލާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ހަ މަސް ދުވަސް ތެރޭ އިންޓަނޭޝަނަލް އޮންލައިން ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން." އަލީ ހާޝިމް ވިދާޅުވި އެވެ.

މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ހާޝިމް ވިދާޅުވީ ރާއްޖޭގައި ގާއިމުކުރަން އުޅެނީ އައިއެސްއޯ 222ގެ މިންގަނޑަށް ފެތޭ ނިޒާމެއް ކަމަށާއި އެހެންވީމާ ޕޭޕަލް ފަދަ ހިދުމަތްތައް ހޯދަން މަގުފަހި ކުރެވޭނެ ކަމަށެވެ. އެކަމަކު ހިދުމަތް ދިނުމަކީ ޕޭޕާލްގެ ނިންމުމެއް ކަމަށާއި އެ ހިދުމަތް ރާއްޖެ އަށް ގެންނަން މިހާރު ވެސް އެދިފައިވާ ކަމަށް ގަވަރުނަނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާގެ ދަށުން ކްރޮސް ބޯޑާ ޓްރާންސެކްޝަންތައް ވެސް ރިއަލް ޓައިމްކޮށް ހިންގުމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ނެޝެނަލް ޕޭމަންޓް ސިސްޓަމްތަކާއި އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ޕޭޕަލް ފަދަ ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ ފައިސާ، ސީދާ ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ވަގުތުން ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އިންޓަނޭޝަނަލް ކާޑު އެސޯސިއޭޝަންތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެމްއެމްއޭއިން ނިންމާފައިވެ އެވެ.