އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން އަދިވެސް ބަޔާން ހުށަހަޅައިފައި ނުވާ ކަމަށް މީރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރަށް ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި މިދިޔަ މަހު ހަމަވެފައިވާއިރު ވެސް މި ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން މި ބަޔާން ހުށަހަޅައިފައި ނުވާކަމަށެވެ. މިގޮތުން، ފަރުދުންގެ ތެރެއިން ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކުގެ ތެރޭގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ ފަރާތްތަކާއި ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގިނަ ފަރާތްތައް ހިމެނޭކަމަށް މީރާއިން ފާހަގަކުރެ އެވެ.

މިގޮތުން ފަރުދަކަށް އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ އާމްދަނީ ލިބިފައިވާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ލިބިފައިވާ ހުރިހައި އާމްދަނީއެއް ހިމެނޭ ގޮތުން ކަމަށް މީރާ ބުނެ އެވެ. މީގެ ތެރޭގައި ފަރުދަކަށް ލިބިފައިވާ އުޖޫރަ، ވިޔަފާރި އާމްދަނީ، ކޮންސަލްޓެންސީ ނުވަތަ ޓެކްނިކަލް ސަރވިސް ފީ، ކޮމިޝަން، ކުލި، ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީ ނުވަތަ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ ފައިދާ ހިމެނެ އެވެ. މިދިޔަ އަހަރިގެ އޭޕްރީލް މަހުން ފެށިގެން ކަމަށް ވާތީ މިދިޔަ އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނާނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ލިބިފައިވާ އުޖޫރައިގެ ޖުމުލަ އެވެ. މިގޮތަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ އިސްތިސްނާ އާމްދަނީ ނުހިމަނަ އެވެ.

ފަރުދުންގެ ތެރެއިން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެހޭނީ މިދިޔަ އަހަރު އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 ރުފިޔާއަށް ވުރެ އިތުރުވާނަމަ އެވެ. އެހެން ނަމަވެސް، އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އަކީ ހަމައެކަނި އުޖޫރަ ދޭ އެންމެ ފަރާތަކުން ލިބިފައިވާ އާމްދަނީ ކަމުގައިވާނަމަ ބަޔާން ހުށަހަޅާކަށް ލާޒިމެއްނޫނެވެ. ޑީމްޑް ޕާޓްނަރޝިޕް ތަކުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެހޭނީ މިދިޔަ އަހަރު ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 ރުފިޔާއަށް ވުރެ އިތުރުވާނަމަ އެވެ. އެހެން ނަމަވެސް، ކުންފުނި، ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީސްތަކުން ލިބިފައިވާ އާމްދަނީއަށް ބެލުމެއްނެތި މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެ އެވެ. މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ މިރާގެ ވެބްސައިޓްއިން ބަލައިލެވޭނެ ކަމަށް މީރާއިން ބުންޏެވެ.

މި ޓެކުހަކީ، ކުރިން ބީޕީޓީ ނިޒާމުގެ ދަށުން ވެސް އަމަލުކުރަމުންދިޔަ ގޮތަށް، އަހަރަކަށް ދެ އިންޓެރިމް އަދި އެއް ފައިނަލް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހެކެވެ. މިގޮތުން، ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ޓެކްސް އަހަރުގެ 31 ޖުލައި އަދި ދެވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ 31 ޖެނުއަރީ އެވެ. އަދި، އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ 30 ޖޫން އެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ސަބަބުން، މީރާއިން ވަނީ މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ނިމިގެން ދިޔަ މަހުގެ ނިޔަލަށް ފަސްކޮށްދީފަ އެވެ. އަދި މި އަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި ވަނީ މިމަހުގެ ނިޔަލަށް ފަސްކޮށްދީފަ އެވެ

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ފާއިތުވެފައިވި ނަމަވެސް، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެ އެވެ. އަދި ބަޔާން ފުރިހަމަކުރުމުގައި އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ އެހީތެރިކަން ހޯދުމަށް ވެސް އެ އޮތޯރިޓީން އެދިފައިވެ އެވެ.

މީރާއިން އަބަދުވެސް ދަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދީ، ޓެކްސް އަދި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ޓެކުހުގެ ޖޫރިމަނާ މާފުކޮށްދިނުމާއި، ޓެކްސް ދައްކަންޖެހޭ މިންވަރު އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެ އެވެ.