މިނިމަމްވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

ސިވިލް ސަރވަންޓުންނާއި ގިނަ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ އިޖްތިޖާޖުތަކާ ގުޅިގެން އެންމެ ކުޑަ އުޖޫރަ މިއަދު ކަނޑަައަޅާނެ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް މިހާރު އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ މާދަމާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިނިމަމް ވޭޖް ބޯޑުގެ މެންބަރު އަދި ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) ވިދާޅުވެފައިވާ ގޮތުގައި މިއަދަށް ތާވަލުކޮށްފައިވާ ބައްދަލުވުން މާދަމާ މެންދުރު ފަހު 2:00 އަށް ވަނީ ފަސްކޮށްފަ އެވެ. އަދި ބައްދަލުވުން ފަސްކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި ގިނަ ދިރާސާތަކެއް ކުރެވި ހަދަންޖެހޭ އޮނިގަނޑު ވަނީ ހަދައިފަ އެވެ. އަދި އަދަދެއް ވެސް ގޮތަކަށް ކަނޑައެޅިފައިވެ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެއީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ.

މިނިމަމްވޭޖް ކަނޑައެޅުމުގައި ނުވަ ދާއިރާއެއް ވަނީ ޚާއްސަކޮށްފަ އެވެ. އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ އެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއާއި މެރިޓައިމް ދާއިރާ އެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެކި ފަހަރު މަތިން ސަރުކާރުން ވަނީ ތާރީހުތަކެއް ދީފަ އެވެ. ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާއިރު، ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ އުޖޫރައާ މެދު ހިތްހަމަ ނުޖެހިގެން ބައެއް ސިވިލް ސާވަންޓުން މިދިޔަ އާދީއްތަ ދުވަހު އޮފީހަށް ނުކުތީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަޅު ހެދުމުގަ އެވެ. އަދި ހޯމަ ދުވަހު ބައެއް ސިވިލް ސަރވިސް މުވައްޒަފުން މަސަައްކަތް ހުއްޓާލާ އިހްތިޖާޖު ކޮށްފައިވެ އެވެ.