އަންނަ މަހު ރާއްޖޭގައި ބާއްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް "އައިލެންޑް އެޕެރަލްސް" ހަމަޖައްސައިފި އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ގައުމީ ޓީމުގެ ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ފަރާތުން އެއްބަސްވުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ. އައިލެންޑް އެޕަރަލްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އަލީ މުޝްހަދު އެވެ.

މިއީ ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ރާއްޖޭގެ ކުންފުންޏެއް ހަމަޖެއްސި ފުރަތަމަ ފަހަރު އެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކުރާނެ ޖާޒީ ޕްރިންޓްކޮށް ތައްޔާރުކުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަ އެވެ.

މިފަހަރުގެ މުބާރާތުގައި ގައުމީ ޓީމު ބޭނުންކުރާނެ ޖާޒީއަށް ޕްރީ-އޯޑާކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޖާޒީއަށް ޕްރީ-އޯޑާކުރަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބަ ކުރުމަށް އައިލެންޑް އެޕެރެލްސް އިން އެދެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބޭނުންކުރާ ޖޯޒީ ދައްކާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ. ގައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައި ވަނީ ދިވެހި ރުފިޔާގެ ނޫޓު ޑިޒައިންކުރި އަބްދުﷲ ނަޝާތު އެވެ.

މިފަހަރުގެ މުބާރާތާއި ދިވެހިން ކުރިމަތިލާނީ 100 އިންސައްތަ ދިވެހިންގެ މަސައްކަތުން އުފައްދާފައިވާ ޕްރޮޑަކްޓް ތަކެއްގެ އިތުރުން 100 އިންސައްތަ ދިވެހި ކޯޗިން ސްޓާފުންގެ ޓީމަކާއެކު އެވެ.