ތ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ މަޝްރޫއުއެއްގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހާވާލުކޮށްފި އެވެ.

އެ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއާއި، ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ އެވެ.

މި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 500 މީޓަރުގެ އެއްގަމު ތޮށިލުމާއި، 15 މީޓަރު ގްރޮއިންސް ޖެހުމުގެ އިތުރުން އެންވައިރަމަންޓަލް އިންޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 21،181،80 ކޮޑި މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 220 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން 369 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި މި ދެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ 71.69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަސް ތެރޭގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ 28.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ 240 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.