ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުއްވުމުގެ ހިދުމަތް ބީއެމްއެލުން ތައާރަފުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެބޭންކުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއެކު ދުވާލަކަށް އެކައުންޓުން 3،000 ޑޮލަރު ފޮނުވޭނެ ކަމަށެވެ.

ޑޮލަރު އެކައުންޓް މެދުވެރިކޮށް ދޭ، މި ހިދުމަތުގެ ސަބަބުން ކުޑަ ހަރަދެއްގައި ބޭރުގެ ބޭންކްތަކާ އެކު ފައިސާގެ މުއާމަލާތު ކުރެވޭނެކަމަށް ބީއެމްއެލުން ބުނެ އެވެ.

50 ޑޮލަރާއި 500 ޑޮލަރު ފޮނުވާ ނަމަ ފަސް ޑޮލަރުގެ ފީ އެއް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތުން ނަގާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ. އަދި 500 ޑޮލަރާއި 1،000 ޑޮލަރުގެ އަދަދެއް ފޮނުވާ ނަމަ އަށް ޑޮލަރު، 1،000 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވާ ނަމަ 12 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭނެ އެވެ.

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ އެކައުންޓަކަށް އޮންލައިންކޮށް ފައިސާ ފޮނުވަން މީގެކުރިން ބޭނުންކުރަން ޖެހެނީ މޮބައިލް ޕޭ އެޕްލިކޭޝަނެވެ.

ބީއެމްއެލްއިން ވަނީ އެ ބޭންކުގެ މޮބައިލް ބޭންކިން އެޕް އަޕްގުރޭޑުކޮށް ކުރިއަށް ވުރެ ކަސްޓަމަރުންނަށް ފަސޭހަވާނެ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ