މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އޮގަސްޓްމަހާ އަޅާބަލާއިރު 56 ޕަސެންޓް އިތުރުވެއްޖެ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15އިން ފެށިގެން ބޯޑަރު އަލުން ހުޅުވުމުން މިހާތަނަށް 27،217 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 1ން 15 އަށް 8،350 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން މިމަހުގެ ފުރަތަމަ 15 ދުވަހު އެކަނި ވެސް 2،308 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އެމެރިކާއިންނެވެ. އެ ގައުމުން 656 ޓޫރިސްޓުން އައިސްފައިވެ އެވެ.