ދިރާގުން "21 ނޯ ޕްލާސްޓިކް ޑޭސް" ގެ ނަމުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމާ ދެކޮޅަށް ހޭލުން ތެރިކަން އިތުރު ކުރުމުގެ ގޮތުން ޚާއްޞަ ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިން ފަށާފައި ވަނީ ބައިނަލްއަގުވާމީ ކޯސްޓަލް ކްލީން އަޕް އެވެއާނަސް މަސް 2021 ފާހަގަކުރުމާ ގުޅިގެންނެވެ.

އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުންކުރުންވެފައި ވަނީ ދިރިއުޅުމުގައި އަށަގަނެފައިވާ ނޭދެވޭ އާދައަކަށެވެ. އާ އާދައެއް އަށަގެންނެވުމަށް އެކަމެއް 21 ދުވަހަށް ކުރުމަކީ ވަރަށް މަޝްހޫރު ކަމެކެވެ.

އެގޮތުން ދިރާގުން ފެށި މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ 21 ދުވަހުގެ ތެރޭގައި މި ނޭދެވޭ އާދަ ދޫކޮށްލާ، ޕްލާސްޓީކް ނޫން ގޮތްތައް ދިރިއުޅުމުގެ އެކި ކަންތައްތަކުގައި ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އެގޮތުން، މި ކެމްޕެއިންގައި ބައިވެރިވެވޭނީ #21NoPlasticDays މި ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި އެ މީހެއް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކާ ދެކޮޅަށް ނުވަތަ މި އާދަ ދޫކޮށްލުމަށް ކުރަން ގަސްތުކުރާ ކަންތައް ހިއްސާކޮށްގެންނެވެ.

މި ކެމްޕެއިނުގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ގެންގުޅުން މަދުކުރުމަށް ކޮންމެ ވެސް އެއް އާދައެއް ދޫކުރުމަށް އަޒުމު ކަނޑައަޅަން ވާނެ އެވެ. މީގެ ތެރޭގައި ކާ އެއްޗެހި އަޅާ ޑިސްޕޮސަބަލް ޕްލާސްޓިކް ޓޭކްއަވޭ ކޮންޓައިނާތަކުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮންޓައިނާ ބޭނުންކުރުން އަދި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިލް ކޮތަޅާއި ފެންފުޅި ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލުން ފަދަ ކަންތައްތައް ހިމެނެ އެވެ. މީގެ އިތުރުން ވެސް ކަނޑުފަޅުތައް ހިމާޔަތްކުރަން ކުރެވިދާނެ އިތުރު އެތައް ކަމެއް ހިމެނިދާނެ އެވެ.

ދިރާގުން ބުނިގޮތުގައި ކޮންމެ ހަފުތާއެކު މި ކެމްޕެއިނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރި ތިން ފަރާތެއް ހޮވާނެ އެވެ. އަދި 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ ނުވަ ފަރާތް ހޮވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ފަރާތްތަކަށް "ޕްލާސްޓިކް ފްރީ ސްޓާޓާ ޕެކް" ހަދިޔާއެއްގެ ގޮތުގައި ދޭން ދިރާގުން ހަމަޖައްސާފައިވެ އެވެ. މި ގިފްޓް ޕެކްގައި ހިމެނެނީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި ގެންގުޅެވޭނެ ތަކެއްޗެވެ.

ދިރާގު މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދް ވިދާޅުވީ މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ސަބަބުން ކަނޑުތަކަށް ލިބެމުންދާ ގެއްލުމާމެދު މުޖުތަމައުން ވިސްނާ، ފަރުދީ ޒިންމާ އަދާކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ ކަންކަން ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ބަދަލުކުރުމަށް ބާރު އެޅުން ހިމެނޭ ކަމަށެވެ.

"ލައިފް ބިލޯ ވޯޓާ" އަކީ އދ.ގެ ދެމެހެއްޓެނިވި ލަނޑުދަޑިތަކުގެ ތެރެއިން ވެސް މުހިންމު އެއް ލަނޑުދަޑިއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ މުހިންމު އެއް ތަނބު ވެސް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ކެއަރ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުންކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފަ އެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފަ އެވެ. ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގްރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ އެވެ.

21 ނޯ ޕްލާސްޓިކް ޑޭސް ކޮންޓެސްޓާ ބެހޭ އިތުރު މައުލޫމާތު ދިރާގު ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެ އެވެ.