ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގާއި ގުޅިގެން ޗައިލްޑްހުޑް ކެންސަރު ނުވަތަ ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފި އެވެ.

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އިން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސަރު އެވެއާނެސް ކެމްޕެއިން" ގައި ކުރިން ވެސް ވަނީ ދިރާގުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދިރާގުން ބުނިގޮތުގައި މި އަހަރު މި ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރަށް ކުދިން ކުރިމަތިވާ ކަންތައްތަކަކީ ކޮބާ ކަމާއި، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރާ ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާއި، ކެންސަރަށް ފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމައަށް ކުދިން ނިކުންނާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

ދާދި ފަހުން އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސަޗް އޮން ކެންސާ އިން ހެދި ރިޕޯޓަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން މިހާރު ޗައިލްޑް ހުޑް ކެންސަރު ވަނީ އިތުރުވެ، ޕަބްލިކް ހެލްތް ކްރައިސިސްއަކަށް ވެފައިވެ އެވެ.

މީގެ އިތުރުން، މި ރިޕޯޓްތަކުން ދައްކާ ގޮތުގައި، ކެންސަރުގެ ސަބަބުން އެންމެ ގިނަ ކުދިން މަރުވެފައި ވަނީ އޭޝިއާ ބައްރުގަ އެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސަރު ބަލީގެ އެއް ޕަސެންޓެވެ. އެހެން ނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭގޮތުގައި ގާތްގަނޑަކަށް 6-7 ޕަސެންޓް ކެންސަރު ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެ އެވެ.

އެހެންކަމުން، ކެންސަރާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް އެނގުމަކީ މުހިންމު ކަމެކެވެ. ލުކީމިއާ އަދި ސިނކުޑިއަށް ޖެހޭ ކެންސަރު ފަދަ ކެންސަރު ބަލީގެ ބާވަތްތަކަކީ ކުޑަކުދިންނަށް އެންމެ ގިނައިން ޖެހޭ ކެންސަރު ބަލީގެ ތެރެއިން ބާވަތްތަކެވެ.

މި އަހަރުގެ މި ކެމްޕެއިން ފެށުމުގެ ގޮތުން މި މަހުގެ 1 ވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑް ހުޑް ކެންސާގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލާފައި އެވެ. މިއަހަރުގެ ކެމްޕެއިންގެ ދަށުން ޗައިލްޑް ހުޑް ކެންސަރާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ވީޑިއޯ ސީރީސް އެއްވެސް ވަނީ ނެރެން ގަސްތުކޮށްފައި އެވެ.

މި ސީރީސްގެ ދަށުން އަލި އަޅުވާލާނީ ރާއްޖޭގެ ޗައިލްޑް ހުޑް ކެންސަރާ އާ ބެހޭގޮތުންނާއި، މި ބަލީގައި މިހާރު ފަރުވާ ލިބެމުންދާ ކުދިންގެ ވާހަކަތަކާއި، އަނބުރާ މުޖުތަމައު އަދި ސްކޫލަށް މި ކުދިން ނެރެމުމަށް މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދެވޭނެ ގޮތްތަކަށެވެ. މީގެ އިތުރުން މި ކެމްޕެއިނުގައި ސްކޫލް ކުދިންނަށް އަމާޒު ކޮށްގެން ޚާއްސަ އޮންލައިން އާޓް އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

"ކުޑަކުދިންނަށް އެހީތެރިވުމާއި އަޅާލުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް. އަދި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކެން. ކެންސާ ސޮސައިޓީ އޮފް މޯލްޑްވިސްއަށް މި ކެމްޕެނުގެ މެސެޖްތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ޔަގީންކަން ދެން،" ދިރާގުގެ ޑިރެކްޓަ އޮފް ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވި އެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން، ޖުވޭރިޔާ ސައީދު ވިދާޅުވީ މި އަހަރުގެ މި ކެމްޕެއިނުގައި ކެންސަރު ބަލިން ރަނގަޅުވެގެން އަލުން އަނބުރާ ސްކޫލަށް ނިކުންނަށް ކުދިންނަށް މުޖުތަމައުން އެހީތެރިވެވޭނެ ގޮތްތަކާމެދު ޚާއްސަކޮށް އަލި އަޅުވާލެވޭނެ ކަމަށެވެ. މީގެ އިތުރުން މި ބަލީގެ ސަބަބުން ކުދިންނަށާއި އާއިލާތަކަށް ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އަލި އަޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ދިރާގުން އަޅުގަނޑުމެންގެ ޗައިލްޑް ހުޑް ކެންސާ އެވާނަސް ކެމްޕެއިނަށް 2018 ވަނަ އަހަރުން ފެށިގެން ދަނީ މެއިން ޕާޓްނަރެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެމުން. އެހެންކަމުން ދިރާގަށް ވަރަށް ޚާއްސަކޮށް ޝުކުރު ދަންނަވަން،" ޖުވޭރިޔާ ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ކުޑަ ކުދިންކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންމެވެ.