ޅ. ނައިފަރުގައި އައިސް ޕްލާންޓެއް އަޅަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު މިހެން ވިދާޅުވީ ނައިފަރުގައި އައިސްޕްލާންޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެކަން ސާފުކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގައި ތަޅުމުގައި މިއަދު އެ ސުވާލަަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމްގެ ސުވާލުގައި ވަނީ ނައިފަރުގައި އައިސްޕްލާންޓެއް ގާއިމްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް ކަމަށާއި އެ މަސައްކަތް އެއްގޮތަކަށް ވެސް ކުރިއަށްނުދަނީ ކީއްވެތޯ އެވެ. އަދި މަޝްރޫއު ފަށާނީ ކޮންތާރީޚެއްގައިތޯ ވެސް ޝިޔާމް ސުވާލުކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ރައީސް ސޯލިހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އައިސް ޕްލާންޓެއް ގާއިމުކުރަން އެރަށުގެ މަސްވެރިން އެދިފައި ނުވާ ކަމަށެވެ. އަދި ނައިފަރުގެ މަސްވެރިން ރައީސް ސޯލިހާ ބައްދަލުކުރެއްވާ ދެއްކި ވާހަކަތަކުގެ ރެކޯޑިންތައް އެބަހުރި ކަމަށް ވެސް ޑރ. ހުސެއިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނައިފަރުގެ މަސްވެރިން އެދިފައި ވަނީ ލުއިގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށާއި، ސްލިޕްވޭއެއް އަޅައި ދިނުމަށާއި، އިންޖީނު ރިޕެއާ ސެންޓަރެއް ހަދައިދިނުމާއެކު، ޑައިވްކޮށްގެން ޅ. އަތޮޅުގައި އެން ހިފުން މަނާކުރުމާއި އަދި ލޭނު މަސްވެރިކަމާއި ދާ އަޅައިގެން މަސްވެރިކަން ކުރުން މަނާކުރަން ކަމަށެވެ.

ނަމަވެސް ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ އައިސްޕްލާންޓެއް އަޅަން ރައީސް ސޯލިހު ވައުދުވެ ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއީ ޕޯޑިއަމްއެއްގައި ދެއްކެވި ވާހަކައަކަަށް ނުވާތީ މިނިސްޓަރަށް ލިބިފައިވާ ރެކޯޑިންގައި އެ ވާހަކަތައް ނުހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ސޯލިހު ވަނީ މަސްވެރިންނަށް ވެސް ގިނަ ވައުދުތަކެއްވެ ވަޑައިގެންފަ އެވެ. ނަމަވެސް އެ ވައުދުތައް ނުފުއްދި، މަސްވެރިންނަށް ހަމަ އަގު ނުލިބޭތީ މަސްވެރިން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.