މިއަހަރުގެ ޖުލައި މަހު ލިބުނު ކަރަންޓު ބިލު ބޮޑުވި މައްސަލަ ބަލައި ބިލު ބޮޑުވި ސަބަބުތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ހާމަކޮށްފި އެވެ.

މިދިޔަ ޖުލައި މަހު ކަރަންޓު ބިލު ބޮޑުވި މައްސަލަ ބެލުމަށް ފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސްޓެލްކޯއިން ޖުލައި މަހުގައި ފޮނުވީ ގާތްގަނޑަކަށް ޖޫން 10 އިން ޖުލައި 10 އާ ދެމެދުގައި ކަރަންޓް ބޭނުންކޮށްފައިވާ ވަރަށް ބިލްކޮށްފައިވާ ބިލުތަކެއް ކަމަށެވެ. ނަމަވެސް އެ ބިލު ފޮނުވީ ޖުލައި މަހުގެ ފަހުކޮޅު ކަމަށް ވުމުން، އީދު ބަންދުގެ މުއްދަތު އޭގައި ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން އީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ވަރު ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ހިމެނިފައި ނުވާތީ އެ ބިލުތައް ކުޑަ ނުވީ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޔޫޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީން ބުނީ ބިލުތަކުން ތަފާތު ދައްކަނީ ޖޫން މަހު ދިން ޑިސްކައުންޓް ޖުލައި މަހު ލިބުނު ބިލުގައި ހިމަނާފައި ނުވާތީ ކަމަށެވެ.

ސްޓެލްކޯ އިން ޖުލައި މަހުގައި ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަރަންޓު ބިލުތައް ބޮޑުވެފައި ހުރިކަމުގެ ޝަކުވާ ނޫސްތަކާއި ސޯޝަލް މީޑިއާއިން އެއޮތޯރިޓީގެ ސަމާލުކަމަށް އައިސްފައި ވާތީ މިއަހަރުގެ ޖުލައި މަހުގެ 30 ގައި އެ މައްސަލަ އެ އޮތޯރިޓީން ބަލަން ފެށިގެ އެވެ.

މިދިޔަ ޖުލައި މަހު ލިބުނު ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވުމުން އާންމުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ.

ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން ސްޓެލްކޯއިން ބުނީ ބިލް ބޮޑު ކަމަށް ފެންނަނީ ކުރީން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ކަމަށެވެ.